ޤާނޫނާއި ގަވާއިދު

×

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު

2021/R-127

ނެރުނު ތާރީޚް: 27 ސެޕްޓެންބަރު 2021
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 27 ސެޕްޓެންބަރު 2021
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށް އަންނަނިވި އިޞްލާޙު ގެނައުން.

1. ބުނެވިދިޔަ ގަވާއިދުގެ 7-64 ވަނަ މާއްދާގެ (ގ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

64-7. (1-ގ) "ރިޕޯޓަބަލް  ޖުރިސްޑިކްޝަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ޖުރިސްޑިކްޝަނަކަށެވެ. 

 

2. ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

69. އިތުރަށް ދައްކާ ފައިސާ ރީފަންޑް ކުރުން

(ހ) ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނަތީޖާއަކީ ނުވަތަ އިޞްލާޙުކުރުމުގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ދައްކައިފައި ވުން ކަމަށް ވާނަމަ، އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ރީފަންޑް ކުރުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

(1) ރީފަންޑް ޕްރޮސެސްކުރާ ވަގުތު އެ ފަރާތުން މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއެއް ހުރިނަމަ، އެ ފައިސާއާ އަޅައިކެނޑުން؛

(2) މި އަކުރުގެ (1) ވަނަ ނަންބަރު ރައްދުނުވާނަމަ، ނުވަތަ މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ޢަމަލު ކުރުމަށް ފަހުގައި، ރީފަންޑް ކުރަންޖެހޭ އަދަދެއް އޮތް ނަމަ، ޓެކްސް ދައްކާ ފަރާތަށް ފައިސާއިން އެ އަދަދު ދިނުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިތުރަށް ދައްކައިފައިވާ ފައިސާއާ ގުޅޭގޮތުން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ޢަމަކުރުމަށް ޓެކްސް ދައްކާ ފަރާތަށް އިޚްތިޔާރު ކުރެވިދާނެއެވެ.

(1) ކުރިޔަށް ހުރި މުއްދަތުތަކުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުން؛

(2) ތިންވަނަ ފަރާތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއަކާ އަޅައިކެނޑުން.

(ނ) އެއްވެސް ފަރާތަކުން މީރާއަށް އިތުރަށް ދައްކައިފައިވާ ފައިސާއަކަށް މި މާއްދާގެ (ހ) ރައްދުނުވާނަމަ، އެ ގޮތުން އިތުރަށް ދައްކައިފައިވާ ފައިސާ އަނބުރައި ހޯދުމަށް އެދޭނަމަ، "އެޖަސްޓްމަންޓް/ރީފަންޑަށް އެދުން" (MIRA 904) ފޯމު ފުރިހަމަކުރުމަށްފަހު މީރާއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ ނިންމުމަކާ ގުޅިގެން ނުވަތަ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ކުރާ ހުކުމަކާ ގުޅިގެން ރީފަންޑެއް ދޭންޖެހޭ ހާލަތުގައި، އެ ރީފަންޑް ހޯދުމަށް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެޖަސްޓްމަންޓް/ރީފަންޑަށް އެދުން" (MIRA 904) ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ހާލަތެއްގައި ރީފަންޑް ދިނުމުގައި، މީރާއަށް އެ ވަގުތު ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަކާ ނުލައި ރީފަންޑް ދެވޭނެއެވެ. އެހެން ނަމަވެސް، އެ ފަރާތުން އެދޭނަމަ، ރީފަންޑް ކުރަންޖެހޭ ފައިސާ، އެ ފަރާތުން އެ ވަގުތު މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ނުވަތަ ކުރިޔަށްހުރި މުއްދަތުތަކުގައި މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،  ފައިސާ ދެއްކުމުގެ ތެރޭގައި ދިމާވާ  "ޕޭމަންޓް ޕްރޮސެސިންގ އެރަރ" އެއްގެ ސަބަބުން، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކޭ ހާލަތުގައި އެ ފައިސާގެ ރީފަންޑް ހޯދުމަށް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެޖަސްޓްމަންޓް/ރީފަންޑަށް އެދުން" (MIRA 904) ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ހާލަތެއްގައި ރީފަންޑް ދިނުމުގައި، މީރާއަށް އެ ވަގުތު ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަކާ ނުލައި ރީފަންޑް ދެވޭނެއެވެ. އެހެން ނަމަވެސް، އެ ފަރާތުން އެދޭނަމަ، ރީފަންޑް ކުރަންޖެހޭ ފައިސާ، އެ ފަރާތުން އެ ވަގުތު މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ނުވަތަ ކުރިޔަށްހުރި މުއްދަތުތަކުގައި މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައްކަންޖެހޭ އަދަދަށްވުރެ އިތުރަށް ފައިސާ ދައްކައިފައިވާ މީހަކު މަރުވެއްޖެނަމަ، އެ މީހާގެ ވާރިޘުން މީރާއަށް ހުށަހެޅުމުން، އެ މީހާ އިތުރަށް ދައްކައިފައިވާ ފައިސާ، ޝަރުޢީ ކޯޓަކުން ކަނޑައަޅާ  ގޮތެއްގެ މަތީން، ވާރިޘުންނަށް އަނބުރައި ދެވޭނެއެވެ. މި ގޮތުން،  އެ މީހާ އިތުރަށް ދައްކައިފައިވާ ފައިސާ، ވާރިޘުންނަށް އަނބުރައި ދެވޭނީ މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ފަހުގައެވެ.

(ކ) ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްގެ އައުޓްޕުޓް ޓެކުހަށްވުރެ އެ ފަރާތެއްގެ އިންޕުޓް ޓެކްސް އިތުރުވާ ހާލަތްތަކަކީ، ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް އިތުރަށް ފައިސާ ދެއްކުން ކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ ގޮތުން އިތުރުވާ އަދަދަކީ އެ ފަރާތެއްގެ އައުޓްޕުޓް ޓެކުހުން އަޅައިކެނޑޭނެ އަދަދެކެވެ.

(އ) އިތުރަށް ދައްކައިފައިވާ ފައިސާ މި މާއްދާގެ ދަށުން ރީފަންޑް ކުރުމުގެ ކުރިން، ރިސްކަށް ނުވަތަ މީރާއިން ކަނޑައަޅާ ތްރެޝޯލްޑަކަށް ރިޢާޔަތްކޮށް، ރިވިއުއެއް ނުވަތަ ރީފަންޑަށް އެދިފައިވާ ފަރާތުގެ އޮޑިޓެއް ކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އުފެދޭ ރީފަންޑެއް ދީފިނަމަ، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހެއް އެ ފަރާތެއްގެ ކިބައިން ނުހޯދިދާނެކަމަށް، އެކަށީގެންވާ ސަބަބުތަކަކާއެކު ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެފަދަ ރީފަންޑެއް ދެވޭނީ މީރާއިން ކުރާ އޮޑިޓަކަށް ފަހުގައެވެ.

(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކުން، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ   ޤާނޫނު) ގެ ދަށުން އިންޓެރިމް ބަޔާނެއް ނުވަތަ އިންކަމް ޓެކްސް ބަޔާނެއް ހުށަހެޅުން؛

(2) ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާނެއް ހުށަހެޅުން.

 

3. ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

69-1. ރީފަންޑްކުރާ ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރުން

(ހ) މި ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން ރީފަންޑްކޮށްދޭ ފައިސާ ޖަމާކުރާނީ ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދީފައިވާ ބޭންކެއްގައި ހުޅުވައިފައި އޮންނަ ބޭންކް އެކައުންޓަކަށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ އެކައުންޓަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބޭންކް އެކައުންޓެއް ނޫން އެހެން ބޭންކް އެކައުންޓަކަށް، ރީފަންޑްކޮށްދޭ ފައިސާ ޖަމާކުރެވިދާނެއެވެ.

(1) ރީފަންޑްކޮށްދެވޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ އަދި ދިވެހިރާއްޖޭގައި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ނެތް ފަރާތަކަށް ވުން؛ ނުވަތަ

(2) ރީފަންޑްކޮށްދެވޭ ފަރާތަކީ އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާ ފަރުދަކަށް ވުން.  

i. ދިވެހި ރައްޔިތެއް ކަމުގައި ނުވުން؛

ii. ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ނުވުން؛

iii. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބޭންކް އެކައުންޓެއް ނެތް ފަރާތަކަށް ވުން.

(ނ) މި މާއްދާގެ ދަށުން ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކް ޗާޖެއް ނުވަތަ ފީއެއް ނުވަތަ ކަމިޝަނެއް ނަގާނަމަ، އެ ޚަރަދަކީ  ރީފަންޑްކޮށްދެވޭ ފަރާތުން ދައްކަންޖެހޭނެ ޚަރަދެކެވެ.

69-2. ރީފަންޑްކޮށްދޭ ކަރަންސީ

(ހ) މި ގަވާއިދުގެ 1-69 ވަނަ މާއްދާގެ ދަށުން ރީފަންޑް ފައިސާ ބޭންކް އެކައުންޓަށް ޖަމާކޮށްދޭނީ ރުފިޔާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެމެރިކާ ޑޮލަރުން މީރާއަށް ދެއްކުމަށް ލާޒިމުކޮށްފައިވާ ޓެކުހެއް ނުވަތަ ފައިސާއެއްގެ ރީފަންޑް ދޭނީ އެމެރިކާ ޑޮލަރުންނެވެ.

 

4. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ