ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
99. (ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންޝުއަރެންސްގެ ވިޔަފާރުކުރާ ފަރާތްތަކުން، އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންކަމް ޓެކްސް ބަޔާން-އިންޝުއަރެންސް ވިޔަފާރިކުރާ ފަރާތް" (MIRA 605) ފޯމެވެ.
2. ބުނެވިދިޔަ ގަވާއިދުގެ 100 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
100-1. އިންޓެރިމް ޕޭމަންޓް ހިސާބުކުރުން
(ހ) ފުރަތަމަ އިންޓެރިމް ބަޔާނުގައި ނުވަތަ ދެވަނަ އިންޓެރިމް ބަޔާނުގައި ވެސް، އިންޓެރިމް ޕޭމަންޓުގެ އަދަދު، ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ރ) ގެ ދަށުން އަންދާޒާކުރެވިދާނެއެވެ.
(ށ) ޤާނޫނުގެ 43 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ، އުނިކުރާނެކަމަށް ބެލެވޭ ވިތުހޯލްޑިންގ ޓެކުހުގެ އަދަދު އުނިކުރެވޭނީ އިންޓެރިމް ޕޭމަންޓުގެ އަދަދު، ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ރ) ގެ ދަށުން އަންދާޒާކުރާ ހާލަތުގައި އެކަންޏެވެ.
3. ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
102-1. ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހެޅުން
(ހ) ޓެކްސް ދައްކާ ފަރާތަކީ ޕޭރެންޓް އެންޓިޓީއެއް ނަމަ، އެ އެންޓިޓީގެ އިންކަމް ޓެކްސް ބަޔާނާއެކު، އެ އެންޓިޓީ ނިސްބަތްވާ ގުރޫޕުގައި ހިމެނޭ، ހުރިހައި އެންޓިޓީއެއް ހިމެނޭ ގޮތުން ތައްޔާރުކޮށްފައިވާ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންވާނެއެވެ. އަދި އެ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރަންވާނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް؛
(1) ޕޭރެންޓް އެންޓިޓީއެއް ކަމުގައި ބެލެވޭނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކުން އެ އެންޓިޓީއަކީ ޕޭރެންޓް އެންޓިޓީއެއް ކަމަށް ކަނޑައަޅާނަމައެވެ.
(2) ގުރޫޕް ކަމަށް ބުނެފައި އެ ވަނީ، ޕޭރެންޓް އެންޓިޓީއާއި އެ ޕޭރެންޓް އެންޓިޓީގެ އެންމެހައި ސަބްސިޑިއަރީތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕޭރެންޓް އެންޓިޓީއަކީ ކުންފުންޏެއް ކަމުގައިވާ ނަމަ، ޤާނޫނުގެ (9) ވަނަ މާއްދާގެ (ނ) އާއި ޤާނޫނުގެ 79 ވަނަ މާއްދާގެ (ފ) ގެ ބޭނުމަށް، އެ ކުންފުނިތަކުގެ ގުރޫޕުގައި ހިމެނޭ ކުންފުނިތަކަކީ، އެ ކުންފުންޏާއި ޤާނޫނު އެ ކުންފުނިތަކުގެ މައްޗަށް ހިނގާ އެންމެހައި ސަބްސިޑިއަރީ ކުންފުނިތަކެވެ.
(ރ) މި މާއްދާގެ ބޭނުމަށް، ސަބްސިޑިއަރީއެއް ކަމުގައި ބެލެވޭނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކުން އެ އެންޓިޓީއަކީ ޕޭރެންޓް އެންޓިޓީއެއްގެ ސަބްސިޑިއަރީއެއްކަމަށް ކަނޑައަޅާނަމައެވެ.
(ބ) މި މާއްދާގެ ދަށުން އެއްވެސް އެންޓިޓީއަކުން ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރިކަމުގައި ވިޔަސް، ގުރޫޕުގައި ހިމެނޭ ކޮންމެ އެންޓިޓީއަކުންވެސް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ އެންޓިޓީއަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންދާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތްވާ ގޮތުގެ މަތިން ސެޕަރޭޓް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކޮށް ވަކި އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވ.ެ
4. ބުނެވިދިޔަ ގަވާއިދުގެ 122 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
122. ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ހިސާބުކުރުމުގެ މިންގަޑުތައް
ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަޑުތަކަކީ؛
(ހ) އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް (IFRS) އަދި އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްސް (IAS)؛
(ށ) އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސް (IFRS for SMEs)؛
(ނ) އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭޝަން ފޮރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް (AAOIFI) ސްޓޭންޑަޑްސް.
5. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.