މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 10 (ދިހައެއް) މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ބަޔާން މީރާކަނެކްޓް މެދުވެރިކޮށް މީރާއަށް ހުށަހެޅުން ލާޒިމުކުރުމެވެ.
2. ގަވާއިދު ނަންބަރު 2015/R-147 (އިލްކެޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު) ގެ 17 ވަނަ މާއްދާގައި ވަނީ:
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމެއްގެ ދަށުން، މީރާއިން ކަނޑައަޅާ ޝަރުޠުތަކެއް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމާއި ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ރޫލިންގ
3. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 10 (ދިހައެއް) މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން، 1 ޖުލައި 2017 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ ޓޫރިޒަމް ދާއިރާ ނޫން ދައިރާތަކުގެ ޖީ.އެސް.ޓީ ބަޔާން (MIRA 205) ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށެވެ.
4. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފަށް ޢަމަލުކުރާނީ ޓެކްސް ރޫލިންގ TR-2015/A3 (ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން) އާއި TR-2016/A7 (ވިތުހޯލްޑިންގ ޓެކްސް ބަޔާނާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން އޮންލައިންކޮށް ކުރުން ލާޒިމުކުރުން) އަދި TR-2016/A10 (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުން ލާޒިމްކުރުން) އާ ޚިލާފުނުވާނެ ގޮތުގެ މަތިންނެވެ.
5. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ ޓެކްސް ބަޔާންތައް ބަލައިގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ޢަމަލުކުރަން ފެށުން
6. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.