މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަގުސަދަކީ، ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށާއި ދައްކަންޖެހޭ ފައިސާ މީރާކަނެކްޓް މެދުވެރިކޮށް ދެއްކުމަށް ލާޒިމުކުރުމެވެ.
2. ގަވާއިދު ނަންބަރު 2015/R-147 (އިލްކެޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު) ގެ 17 ވަނަ މާއްދާގައި ވަނީ:
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމެއްގެ ދަށުން، މީރާއިން ކަނޑައަޅާ ޝަރުޠުތަކެއް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމާއި ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ރޫލިންގ
3. އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 100 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ޓެކްސް ދައްކާ ފަރާތްތަކުން، އަންނަނިވި އާމްދަނީގެ ބާވަތްތަކާ ގުޅޭ ގޮތުން 1 ޖަނަވަރީ 2016 ގެ ފަހުން ހުށަހަޅާ ޓެކްސް ބަޔާންތައް ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށެވެ. އަދި އެ ފަރާތްތަކުން އެ އާމްދަނީގެ ބާވަތްތަކާ ގުޅޭ ގޮތުން އެ ތާރީޚުގެ ފަހުން ދައްކަންޖެހޭ ފައިސާ ދައްކަންވާނީ މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.
(ހ) މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ)؛
(ށ) ވިތުހޯލްޑިންގ ޓެކްސް؛
(ނ) ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ)؛
(ރ) ޓޫރިޒަމް ލޭންޑް ރެންޓް؛
(ބ) އެގްރިކަލްޗަރަލް ލޭންޑް ރެންޓް؛
(ޅ) ކުންފުނި އަހަރީ ފީ؛
(ކ) ވެހިކަލް ފީ.
4. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފް ރައްދުވާ ޓެކްސް ދައްކާ ފަރާތްތައް މީރާއިން ކަނޑައެޅުމަށްފަހު އެ ކަން އެ ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ.
5. ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 63 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިސްލާހުކުރެވިފައިވާ ޖީ.އެސް.ޓީ ބަޔާނަށާއި، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިސްލާހުކުރެވިފައިވާ ބީ.ޕީ.ޓީ ބަޔާން އަދި އިސްލާހުކުރެވިފައިވާ ވިތުހޯލްޑިންގ ޓެކްސް ބަޔާނަށާއި، އެ ފަދަ ބަޔާންތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާއަށް މި ރޫލިންގގެ 3 ވަނަ ޕެރެގްރާފް ރައްދެއްނުވާނެއެވެ.
6. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ޢަމަލުކުރަން ފެށުން
7. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.