ގަވާއިދު ނަންބަރު 2015/R-181 (ގްރީން ޓެކްސް ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
2. މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) އާއި (މ) އާއި (ފ) ގެ ދަށުން ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، ގްރީން ޓެކްސް ނެގުމަށް ޓަކައި މީރާއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
2. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
3. ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން
(ހ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ތާރީޚުން ފެށިގެން އެ ތަނެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވުނީއެވެ. މި ގޮތުން އެ ޓޫރިސްޓު ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓް ނުވަތަ ޓޫރިސްޓު ހޮޓާ ނުވަތަ ރިޒޯޓް ހޮޓާ ނުވަތަ ހޮޓާ ނުވަތަ އުޅަނދު ނުވަތަ ގެސްޓްހައުސް ނުވަތަ އެނޫންވެސް އެފަދަ ތަނެއް މީރާގައި ރަޖިސްޓަރީކުރެވޭނީ އެ ތަން ނުވަތަ އެ އުޅަނދު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ނަމުގައެވެ. އަދި އެއިން ކޮންމެ ތަނަކާއި އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީކުރެވޭނީ ވަކިންނެވެ.
3. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(1-ހ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓު ހޮޓަލަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ހިންގުމުގެ ހުއްދަ، ޤާނޫނު ނަންބަރު 2022/8 (ޤާނޫނު ނަންބަރު 99/2، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން ބަދަލުކޮށްފިނަމަ، އެ ބަދަލުކުރެވުނު ކެޓަގަރީއަށް، އެ ތަނެއް ގްރީން ޓެކުހަށް ކޮށްފައިވާ ރަޖިސްޓަރީ އަންނަނިވި ތާރީޚުތަކުގެ ތެރެއިން ފަހުން އަންނަ ތާރީޚަކުން ފެށިގެން ބަދަލުކުރެވޭނެއެވެ.
(1) ޤާނޫނު ނަންބަރު 2022/8 (ޤާނޫނު ނަންބަރު 99/2، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން ހިންގުމުގެ ހުއްދަ ބަދަލުކުރި ތާރީޚު؛
(2) 1 ޖަނަވަރީ 2023.
4. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
3. (ނ) ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކުރަންޖެހޭ ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އެ މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށް ހިންގިކަމުގައި ވިޔަސް، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ނުވަތަ އެ ތަން ނުވަތަ އުޅަނދު ހިންގަން ފެށީ މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށް ފަހުގައި ކަމަށް ވާނަމަ، އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށި ތާރީޚުން ފެށިގެން، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.
(ރ) ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކުރަންޖެހޭ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް ނުވަތަ އުޅަނދެއް އެ މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށް ހިންގިކަމުގައި ވިޔަސް، އެ ތަނަކުން ނުވަތަ އެ އުޅަނދަކުން، ޤާނޫނުގެ ދަށުން ގްރީން ޓެކްސް ނެގުން ލާޒިމުވާ ތާރީޚުން ފެށިގެން، ނުވަތަ އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށީ އެ ތަނަކުން ނުވަތަ އެ އުޅަނދަކުން ޤާނޫނުގެ ދަށުން ގްރީން ޓެކްސް ނެގުން ލާޒިމުވާ ތާރީޚުގެ ފަހުން ކަމަށްވާނަމަ، އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށި ތާރީޚުން ފެށިގެން، އެ ތަން ނުވަތަ އެ އުޅަނދު ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރެވޭނެއެވެ. އަދި އެ ތަން ނުވަތަ އެ އުޅަނދު ހިންގާ ފަރާތުން ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.
5. ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
5. ޓިން
މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޓޫރިސްޓު ރިޒޯޓަކަށާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށާއި، ޓޫރިސްޓު ހޮޓަލަކަށާއި، ރިޒޯޓް ހޮޓަލަކަށާއި، ހޮޓަލަކަށާއި، ޓޫރިސްޓު އުޅަނދަކަށާއި، ޓޫރިސްޓު ގެސްޓްހައުސްއަކަށާއި އެނޫންވެސް އެފަދަ ތަންތަނަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ.
6. ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
6. ގްރީން ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓް
6. (ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޓޫރިސްޓު ރިޒޯޓަކަށާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށާއި، ޓޫރިސްޓު ހޮޓަލަކަށާއި، ރިޒޯޓް ހޮޓަލަކަށާއި، ހޮޓަލަކަށާއި، ޓޫރިސްޓު އުޅަނދަކަށާއި، ޓޫރިސްޓު ގެސްޓްހައުސްއަކަށާއި، އެނޫންވެސް އެފަދަ ތަންތަނަށް ގްރީން ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓެއް ދޫކުރެވޭނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ތަނަކުންނާއި ކޮންމެ އުޅަނދަކުން، އެ ތަނެއް ނުވަތަ އެ އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާކަން ކަސްޓަމަރުންނަށް އަންގައިދިނުމުގެ ބޭނުމަށް، މީރާއިން ދޫކޮށްފައިވާ ގްރީން ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނޭހެން އެ ތަނެއްގައި ނުވަތަ އެ އުޅަނދެއްގައި ބަހައްޓަންވާނެއެވެ.
7. ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
7. ރަޖިސްޓަރީ ބާޠިލުކުރުން
ޓޫރިސްޓު ރިޒޯޓު، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓު، ޓޫރިސްޓު ހޮޓާ، ރިޒޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓު އުޅަނދު ނުވަތަ ޓޫރިސްޓު ގެސްޓްހައުސް ނުވަތަ އެނޫންވެސް އެފަދަ ތަނެއްގެ ހިންގުމުގެ ހުއްދަ ބާޠިލުކުރާ ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ގްރީން ޓެކްސް ރެޖިސްޓޭޝަން ބާޠިލުކުރުމަށް އެދި އެ ހުއްދަ އޮތް ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
8. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
8. ގްރީން ޓެކްސް ހިސާބުކުރުން
ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) ގެ ބޭނުމަށް، ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ.
(ހ) ގްރީން ޓެކްސް ނަގަން ފަށާނީ، ޓޫރިސްޓަކު ޓޫރިސްޓު ރިޒޯޓަކަށް، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށް، ޓޫރިސްޓު ހޮޓަލަކަށް، ރިޒޯޓް ހޮޓަލަކަށް، ހޮޓަލަކަށް، ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ޗެކް-އިން ވާ ވަގުތުން ފެށިގެންނެވެ.
(ށ) ޓޫރިސްޓު ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކާއި އެނޫންވެސް އެފަދަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި ނުވަތަ އެ އުޅަނދުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ޓޫރިސްޓު ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އެހެންނަމަވެސް އެ ޓޫރިސްޓު އެ ތަނުން ޗެކް-އައުޓް ވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައިވާނަމައެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 50 (ފަންސާސް) ކޮޓަރިއަށް ވުރެ ގިނަ އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓު ގެސްޓްހައުސްތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، 1 ޖަނަވަރީ 2023 އިން ފެށިގެން، ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، 50 (ފަންސާސް) ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، 1 ޖަނަވަރީ 2023 އިން ފެށިގެން، ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.
(ބ) މަސް ނިމޭއިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރުމުގައި ބަލާނީ، އެ މަސް ނިމޭ ދުވަހުގެ 23:59 ނިސްބަތްވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ތެރޭގައި އޭނާ އެ ތަނުގައި ހޭދަކޮށްފައިވާ ވަގުތަށެވެ. އެ ގޮތުން އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް އެ މަހުގައި ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރު ގުނަން ފަށާ ވަގުތުން ފެށިގެން އެ މަސް ނިމޭ ދުވަހުގެ 23:59 އާ ހަމަޔަށް އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައިވާ ނަމައެވެ. އެ ނޫން ހާލަތުތަކުގައި އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، ޖެހިގެން އަންނަ މަހުގައެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަކަށް ގްރީން ޓެކްސް ދައްކަން ޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ފުރަތަމަ 12 (ބާރަ) ގަޑިއިރު ނިމޭ ތާރީޚުގައި އެ ފަރާތަކުން ގްރީން ޓެކްސް ދައްކަންޖެހޭ ރޭޓުގައެވެ.
(ކ) ބޭރުގެ ޓޫރިސްޓު އުޅަނދުތަކުން ގްރީން ޓެކްސް ހިސާބުކުރަންޖެހެނީ މަހުން މަހަށް ކަމުގައި ނުވާތީ، އެ ފަދަ އުޅަނދުތަކަށް މި މާއްދާގެ (ބ) ރައްދެއް ނުވާނެއެވެ.ބޭރުގެ ޓޫރިސްޓު އުޅަނދުތަކުން ގްރީން ޓެކްސް ހިސާބުކުރަންޖެހެނީ މަހުން މަހަށް ކަމުގައި ނުވާތީ، އެ ފަދަ އުޅަނދުތަކަށް މި މާއްދާގެ (ބ) ރައްދެއް ނުވާނެއެވެ.
(އ) ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ވެސް، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.
9. ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
9. ޗެކް-އިން ކުރުމާއި ޗެކް-އައުޓް ކުރުން
(ހ) މި ގަވާއިދުގެ ބޭނުމަށް، އެއްވެސް މީހަކު، ޓޫރިސްޓު ރިޒޯޓަކަށް، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށް، ނުވަތަ ޓޫރިސްޓު ހޮޓަލަކަށް، ނުވަތަ ރިޒޯޓް ހޮޓަލަކަށް، ނުވަތަ ހޮޓަލަކަށް، ނުވަތަ ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ޗެކް-އިން ވީ ކަމުގައި ބަލާނީ، އެ މީހަކީ އެ ތަނުގައި ނުވަތަ އެ އުޅަނދުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ނުވަތަ އެ އުޅަނދުގެ ސިސްޓަމުގައި ނުވަތަ ލިޔެކިޔުންތަކުގައި ރިކޯޑުކުރުމުންނެވެ. އަދި އެ މީހާ އެ ތަނުން ނުވަތަ އެ އުޅަނދުން ޗެކް-އައުޓް ވީ ކަމުގައި ބަލާނީ، އެ ތަނުގެ ނުވަތަ އެ އުޅަނދުގެ ސިސްޓަމުގައި ނުވަތަ ލިޔެކިޔުންތަކުގައި އެކަން ރިކޯޑުކުރުމުންނެވެ.
10. ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
9. (ޅ) މީހަކު، ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ ޓޫރިސްޓު ހޮޓަލަކުން، ނުވަތަ ރިޒޯޓް ހޮޓަލަކުން، ނުވަތަ ހޮޓަލަކުން، ނުވަތަ ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކުން ނުވަތަ އެނޫންވެސް އެފަދަ ތަނަކުން ޗެކް-އައުޓް ވާތާ 12 (ބާރަ) ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކީ އެ ތަނުން ނުވަތަ އެ އުޅަނދުން ޗެކް-އައުޓް ވެފައިވާ މީހެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އަދި އެ މީހަކު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ވެސް ހިސާބުކުރަންވާނީ، ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައި ބަލައިގެންނެވެ.
11. ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
9-1. އިންތިޤާލީ ކަންކަން
(ހ) ގްރީން ޓެކްސް ނަގަން ފަށާނީ، 21 ސެޕްޓެންބަރު 2022 އިން ފެށިގެންނެވެ.
(ށ) ގްރީން ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް، 21 ސެޕްޓެންބަރު 2022 ގެ 00:00 ގައި ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓު ހޮޓަލެއްގައި ނުވަތަ ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއްގައި ނުވަތަ ޓޫރިސްޓު އުޅަނދެއްގައި ހުރި މީހަކު އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ، 21 ސެޕްޓެންބަރު 2022 ގެ 00:00 އެވެ.
(ނ) 21 ސެޕްޓެންބަރު 2022 އިން ފެށިގެން ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، 21 ސެޕްޓެންބަރު 2022 ފެށުމާ ހަމަޔަށް ބޭނުންކުރަމުންދިޔަ ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް އެ ތަރުތީބުންނެވެ.
(ރ) ގްރީން ޓެކްސް ހިސާބުކުރާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
12. ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
10. ގްރީން ޓެކްސް ބަޔާން
(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން ގްރީން ޓެކްސް ހިސާބުކުރާނީ، އަދި މީރާއަށް ގްރީން ޓެކްސް ބަޔާން ހުށަހަޅާނީ، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ށ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން، ކޮންމެ ކަލަންޑަރު މަހަކާ ގުޅޭ ގޮތުން MIRA 501 (ގްރީން ޓެކްސް ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅަންޖެހޭނެއެވެ.
(ނ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓް ނުކުރިކަމުގައި ވިޔަސް، ނުވަތަ އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ނުބޭތިއްބި ކަމުގައި ވިޔަސް، އެ ތަނުގެ ނުވަތަ އުޅަނދުގެ ގްރީން ޓެކްސް ރެޖިސްޓްރޭޝަން ބާޠިލު ނުކުރާހައި ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގްރީން ޓެކްސް ބަޔާން، އެ އަކުރުގައިވާ ގޮތުގެ މަތީން މީރާއަށް ހުށަހަޅަންޖެހޭނެއެވެ.
13. ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
11. (ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތްގޮތުން ހުށަހަޅާ ގްރީން ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިޚްތިޔާރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ގްރީން ޓެކްސް ބަޔާނުގައި ސޮއިކުރަންވާނީ، އެ ތަން ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް MIRA 117 (ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން) ފޯމު މެދުވެރިކޮށް މީރާއަށް އަންގައިފައިވާ ފަރާތަކުންކުރެ ފަރާތެކެވެ.
14. ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
12. ޓެކްސް ބަޔާން އިޞްލާޙުކުރުން
(ހ) ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ ޓޫރިސްޓު ހޮޓަލަކުން، ނުވަތަ ރިޒޯޓް ހޮޓަލަކުން، ނުވަތަ ހޮޓަލަކުން، ނުވަތަ ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކުން ނުވަތަ އެނޫންވެސް އެ ފަދަ ތަނަކުން މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިޞްލާޙުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިޞްލާޙުކުރެވިދާނެއެވެ.
15. ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އުނިކުރުން.
12. (ނ) (އުނިކޮށްފައި).
(ރ) (އުނިކޮށްފައި).
(ބ) (އުނިކޮށްފައި).
(ޅ) (އުނިކޮށްފައި).
16. ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
13. އިންފޮމޭޝަން ޝީޓު ހުށަހެޅުން
(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން ހުށަހަޅާ ގްރީން ޓެކްސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭޝަން ޝީޓެއް ހުށަހަޅަންވާނެއެވެ. މި އިންފޮމޭޝަން ޝީޓުގައި، އެ މުއްދަތެއްގެ ތެރޭގައި އެ ތަނުގައި ނުވަތަ އެ އުޅަނދުގައި ތިބި ހުރިހާ ގެސްޓުންގެ މަޢުލޫމާތު ހިމަނަންވާނެއެވެ.
17. ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
14. ގްރީން ޓެކްސް ދެއްކުން.
(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޯޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ މަހަކަށް ދައްކަންޖެހޭ ގްރީން ޓެކްސް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކަންޖެހޭނެއެވެ.
18. ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
17. ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ނަގާ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހުން
ޤާނޫނާއި މި ގަވާއިދުގެ ދަށުން ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ގްރީން ޓެކްސް ނަގައިފިނަމަ، ޤާނޫނުގެ 35 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަރާތުން އެ ފައިސާ ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންވާނެއެވެ.
19. ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
18. ރިކޯޑު ބެލެހެއްޓުން
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި ޓޫރިސްޓު ގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، އަންނަނިވި ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.
(ހ) ގެސްޓް ރެޖިސްޓަރ؛
(ށ) ގެސްޓް ރެޖިސްޓްރޭޝަން ކާޑުތައް؛
(ނ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ގޮތުގައި ތިބޭ ދިވެހި ރައްޔިތުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛
(ރ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ގޮތުގައި ތިބޭ ރެސިޑެންޓް ޕާރމިޓް ހޯލްޑަރުންގެ ވިސާގެ ކޮޕީ.
20. ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގައި އެކުލެވޭ ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް "ހިންގާ ފަރާތް" ގެ މާނަ އަންނަނިވި ގޮތަށް އިސްލާޙުކުރުން.
22. (ހ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓު ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް "ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ތަނުގެ އޮޕަރޭޓިންގ ލައިސަންސް، މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ފަރާތަށެވެ. މި މާނަކުރުން، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) އަށް ރައްދެއް ނުވާނެއެވެ.
21. ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގައި އެކުލެވޭ "ގްރީން ޓެކްސް" ގެ މާނަ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
22. (ހ) "ގްރީން ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) އާއި (މ) އާއި (ފ) ގެ ދަށުން ނެގޭ ޓެކުހަށެވެ.
22. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
___________________