ގަވާއިދު ނަންބަރު 2014/R-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
3. ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިޚްތިޞާޞް
(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭ ޓެކްސް އޭޖެންޓުންނަށް ކުރެވޭނީ އަންނަނިވި މަސައްކަތްތަކެވެ.
(1) ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކާ ފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުން؛
(2) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް ތައްޔާރުކުރުން؛
(3) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ އެހެނިހެން އެންގުންތަކާއި ފޯމުތަކާއި ރިޕޯޓުތަކާއި ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދާ ގުޅިގެން ނުވަތަ އެ ފަރާތުގެ ޤާނޫނީ ޒިންމާތަކާ ނުވަތަ ޙައްޤުތަކާ ގުޅިގެން މީރާއަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން؛
(4) މީރާއިން ނުވަތަ ކޮމިޝަނަރ ޖެނެރަލް ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރަން ބޭނުންވާނަމަ، އެ ކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން؛
(5) ޓެކްސް ޤާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އަދި ޓެކުހާ ގުޅޭ ކަންކަމުގައި ޓެކްސް ދައްކާ ފަރާތަށް ލަފާދިނުން؛
(6) ޓެކްސް ދައްކާ ފަރާތާ ގުޅޭ ކަންކަމުގައި އެ ފަރާތުގެ ބަދަލުގައި މީރާއާ މުޢާމަލާތްކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް މި ގަވާއިދުގެ ދަށުން މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓެއް ފިޔަވައި އެހެން ފަރާތަކުން، ޓެކްސް އޭޖެންޓެއްގެ ހައިސިއްޔަތުން ކުރުމަކީ މަނާކަމެކެވެ.
2. ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
4. ޓެކްސް އޭޖެންޓުންނަށް ނުކުރެވޭނެ ކަންތައްތައް
މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ އެއްވެސް ޓެކްސް އޭޖެންޓަކީ މީރާގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތުން މީރާގެ މުވައްޒަފެއްގެ ހައިސިއްޔަތުން ތަމްސީލުކޮށްފައިވާ ނުވަތަ މަސައްކަތްކޮށްފައިވާ އެއްވެސް މައްސަލައެއްގައި މަސައްކަތްކުރުމަކީ ހުއްދަކަމެއް ނޫނެވެ.
3. ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
5. (ބ) ދިވެހިރައްޔިތެއް ކަމުގައިވުން.
4. ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
5. (ޅ) ގަވާއިދު ނަންބަރު 2014/R-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން މި ގަވާއިދުގެ ދަށުން، ދިވެހިރައްޔިތުން ފިޔަވައި އެހެން ފަރާތްތަކަށް ދީފައިވާ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެމިއޮންނާނީ 31 ޑިސެންބަރު 2022 ގެ ނިޔަލަށެވެ.
5. ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
7. (ށ) (2) ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިޙާނަކުން ފާސްވުން.
6. ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އުނިކުރުން.
7. (ށ) (3) (އުނިކޮށްފައި).
7. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
8. (ށ) (3) މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޯސް ފުރިހަމަކުރުމުން، ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިޙާނަކުން ފާސްވުން.
8. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އުނިކުރުން.
8. (ށ) (4) (އުނިކޮށްފައި).
9. ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރުތަކެއް އިތުރުކުރުން.
9. (ހ)
(3-1) ދި އެމެރިކަން އިންސްޓިޓިއުޓް އޮފް ސަރޓިފައިޑް ޕަބްލިކް އެކައުންޓެންޓްސް (AICPA)؛
(3-2) އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އިން އިންގްލެންޑް އެންޑް ވޭލްސް (ICAEW)؛
(3-3) އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (CA Maldives)؛
10. ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) އުނިކުރުން.
10. (ނ) (އުނިކޮށްފައި).
11. ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
10. (ރ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާގެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވުމުގެ ކުރިން އެ މުވައްޒަފަކަށް މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
12. ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އުނިކުރުން.
11. (ހ) (4) (އުނިކޮށްފައި).
13. ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
12. (ރ) މި މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން ޢައްޔަންކުރާ ޓެކްސް އޭޖެންޓަކީ އެ ފަރާތުގެ މުވައްޒަފެއް ކަމުގައި ވެގެން ނުވާނެއެވެ.
14. ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
16. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އޭޖެންޓުން ރަޖިސްޓަރީކުރުން
ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މި ގަވާއިދުގެ ދަށުން ދޫކުރާ ހުރިހާ ފަރާތްތަކުން ވެސް ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާންވާނެއެވެ.
15. ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އަދި (ނ) އުނިކުރުން.
18.
(ށ) (އުނިކޮށްފައި).
(ނ) (އުނިކޮށްފައި).
16. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.