ޤާނޫނާއި ގަވާއިދު

×

12 މަސްދުވަހުގެ ތެރޭގައި އިންޕުޓް ޓެކްސްގެ ޢަދަދު އަޅައިކެނޑުން

TR-2023/G49

ނެރުނު ތާރީޚް: 21 ޑިސެންބަރު 2023
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 21 ޑިސެންބަރު 2023
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

މިއީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. 
 
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ، ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު އައުޓްޕުޓް ޓެކުހުން އަޅައިނުކެނޑިވާ އިންޕުޓް ޓެކްސްގެ ޢަދަދު 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަޅައިކެނޑުމުގެ އުޞޫލުތައް ބަޔާންކުރުމުވެ. 
 
2. ޤާނޫނުގެ 37 ވަނަ މާއްދާގައި ވަނީ:
އައުޓްޕުޓް ޓެކުހުން އިންޕުޓް  ޓެކްސް އަޅައިކެނޑުން
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާނުގައި، ޓެކްސް ނެގޭ މުއްދަތެއްގައި އިންޕުޓް ޓެކްސްގެ ގޮތުގައި އަޅައިކެނޑުމަށް މި ޤާނޫނު ހުއްދަކުރާ ޢަދަދެއް، އައުޓްޕުޓް ޓެކުހުން އޭނައަށް އަޅައިކެނޑިދާނެއެވެ.
...
(ބ) ޓެކްސް ނެގޭ މުއްދަތެއްގައި އިންޕުޓް ޓެކްސްގެ ގޮތުގައި އަޅައިކެނޑުމަށް މި ޤާނޫނު ހުއްދަކުރާ ޢަދަދެއް، އެ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު އައުޓްޕުޓް ޓެކުހުން އަޅައިނުކެނޑިވާނަމަ، އެފަދައިން އަޅައިނުކެނޑިވާ އިންޕުޓް ޓެކްސްގެ ޢަދަދު އަޅައިކެނޑެންޖެހޭ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ޢަދަދު އޭނާގެ އައުޓްޕުޓް ޓެކުހުން އަޅައިކެނޑުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
 
3. ގަވާއިދުގެ 44 ވަނަ މާއްދާގައި ވަނީ:
އިންޕުޓް ޓެކްސް އުނި ނުކުރެވޭނެ ހާލަތުތައް 
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ލިބިގަތް މުދަލަކާ ނުވަތަ ޚިދުމަތަކާ ގުޅޭ އިންޕުޓް ޓެކްސް، އަންނަނިވި ޙާލަތުތަކުގައި އެ ފަރާތުގެ އައުޓްޕުޓް ޓެކުހުން އުންޏެއް ނުކުރެވޭނެއެވެ.
(2) އެ ފަރާތުން ބޭނުންކުރާ ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސްގެ ދަށުން އިންޕުޓް ޓެކުހުގެ އަދަދު އުނިކުރަންޖެހޭ ޓެކްސް ނެގޭ މުއްދަތު ނިމުނު ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ފާއިތުވެފައިވުން؛ ނުވަތަ
...
 
ރޫލިންގ
4. ޤާނޫނުގެ 37 ވަނަ މާއްދާގެ (ބ) ގެ ބޭނުމަށް އިންޕުޓް ޓެކްސްގެ އަދަދު އަޅައިކެނޑެންޖެހޭ ދުވަހަކީ އެ އަދަދު ހިމެނޭ ޓެކްސް އިންވޮއިސް ދޫކުރި ތާރީޚު ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތު ނިމޭ ތާރީޚެވެ.
 
5. މި ރޫލިންގގެ 4 ވަނަ ޕެރެގްރާފުގައި ހަވާލާދީފައި އެވަނީ ޓެކްސް އިންވޮއިސްގައި ހިމެނޭ މުދާ ގަތް ފަރާތުގެ ނުވަތަ ޚިދުމަތް ލިބިގަތް ފަރާތުގެ ޓެކްސް ނެގޭ މުއްދަތަށެވެ
 
6. އިންޕުޓް ޓެކްސްގެ ޢަދަދު އަޅައިކެނޑެންޖެހޭ ދުވަހުގައި ނުވަތަ އެ ދުވަހުގެ ކުރިން އަންނަ ތާރީޚެއްގައި ދޫކޮށްފައިވާ ޓެކްސް އިންވޮއިސްއެއްގައި ހިމެނޭ އިންޕުޓް ޓެކްސްގެ އަދަދެއް، އިންޕުޓް ޓެކްސްގެ ޢަދަދު އަޅައިކެނޑެންޖެހޭ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަޅައިނުކެނޑިވާނަމަ، އެ އަދަދު އެއްވެސް ޓެކްސް ނެގޭ މުއްދަތެއްގައި އުނިނުކުރެވޭނެއެވެ.
 
7. މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ 12 (ބާރަ) މަސް ދުވަހުގެ މުއްދަތު ހަމަވެއްޖެނަމަ، އެ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ނިމިފައިވާ ޓެކްސް ނެގޭ މުއްދަތެއްގެ ޖީ.އެސް.ޓީ ބަޔާނެއް އިޞްލާޙުކުރާ ހާލަތުގައި ވެސް އަދި އެ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ނިމިފައިވާ ޓެކްސް ނެގޭ މުއްދަތަކަށް އަލަށް ޖީ.އެސް.ޓީ ބަޔާނެއް ހުށަހަޅާ ހާލަތުގައި ވެސް، މި ރޫލިންގގެ 6 ވަނަ ޕެރެގްރާފަށް ޢަމަލުކުރަންވާނެއެވެ. 
 
8. މި ރޫލިންގއަށް ޢަމަލުކުރާނީ ގަވާއިދުގެ 46 ވަނަ މާއްދާއާ ޚިލާފުނުވާނެ ގޮތުގެމަތީންނެވެ.
 
ޢަމަލުކުރަން ފެށުން
9. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ 1 ފެބުރުވަރީ 2024 އިން ފެށިގެންނެވެ. 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ